މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް މިރޭވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް މިރޭވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އިން ބުނިގޮތުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.



