ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށާއި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިހުތިޔާރުކުރަންޖެހޭ ކަމަށެވެ.
އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސުލްހަ ކޮންމެހެން ވެސް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 57،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.



