މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
އެ އަތޮޅުތަަކަށް މެޓުން ހުދު ސަމާލު ނެރިފައިވަނީ މެންދުރު 15:30 އިން ފެށިގެން 20:00 އަށެވެ.
ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ވިއްސާރަކުރާނެ ކަމަށް މެޓުން ކުރިން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.



