ހުޅުމާލެ، ފޭސް 1، އެންސިސް ގުދަނުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ދުރު ފެންނަ މިންވަރު ދަށްވުމާއި ގުޅިގެން ސަމާލުވާން ފުލުހުން އެދެފިއެވެ.
ފުލުހުން މިރޭ ބުނީ، މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރާ ކަމަށެވެ.
އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށްދާ އަދި މަގު ބޭނުންކުރާއިރު، ހާއްސަ ސަމާލުކަމެއްދީ އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕާ ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، ހުޅުމާލޭ ފޭސް 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ.




