ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި މިރޭ ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ ގުދަނުގެ ތިންވަނަ ފަންގިފިލާގައެވެ. އިމާރާތުގެ ފުރާޅުން ދުން އަރަމުންދާއިރު، އަލިފާން ހުޅުގަނޑު މާ ބޮޑަކަށް ބޭރަކަށް ނުފެނެއެވެ.
ނަމަވެސް އަލިފާން ހުޅުގަނޑު އަދިވެސް ދަނީ އަނދަމުންނެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަރ ފައިޓަރުން މި ވަގުތު އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާއިރު، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ގުދަނުގައި ހުރި ހުޅު ހިފާފާނެ ޒާތުގެ އެހެނިހެން ތަކެތި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލިފާން ރޯވެފައިވާ ގުދަނުގެ ތިރީ ބައިގައި ހުންނަނީ މަސް ފިނިކޮށް ރައްކާކުރުމަށް ބޭނުންކުރާ ސްޓޯރޭޖް ފެސިލިޓީއެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ.




