ގދ. ގައްދޫއިން ފުރައިގެން ޑިންގީއެއްގައި ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހަބަރެއް ވެފައިނުވާ ކަމަށް މިއަދު ހަވީރު 17:05 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން، ހެނދުނު 11:15 ކަންހާއިރު އެމީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ގެއްލިފައިވާ ފަރާތް ހޯދުމަށް އެމްއެންޑީއެފްގެ ސައުތު ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަޙައްދު ބަލަމުންދާ އިރު، ފުލުހުން ދަނީ ގަމާއި ގަން ކައިރީ ފަޅު ރަށްތައް ބަލަމުންނެވެ.




