ބާސެލޯނާގެ ޝަރަފުވެރި 10 ނަންބަރު ޖާޒީ، އަންނަ ސީޒަނުން ފެށިގެން ބޭނުންކުރާނީ އެ ކްލަބުގެ ޒުވާން ތަރި، ލަމީން ޔަމާލް ކަމަށް އެ ކްލަބުން އިއުލާނުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރިއިރު، އުމުރުން 18 އަހަރުގެ ޔަމާލަކީ މިވަގުތު ބާސެލޯނާގައި ހުރި އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.
އެންމެފަހުން ބޭއްވި ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލަށް މިދިޔަ ސީޒަނަކީ ބާސާއާއެކުވެސް ވަރަށް ކާމިޔާބު ސީޒަނެކެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 18 ގޯލު ޖަހައި 25 އެސިސްޓް ފުރިހަމަކޮށްފައެވެ. އަދި ޔަމާލްގެ މުހިއްމު ދައުރާއެކު ބާސާއިން ވަނީ މިދިޔަ ސީޒަނުގައި ލަލީގާއާއި ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ހޯދައިފައެވެ.
ބާސާގެ 10 ނަންބަރު ޖާޒީގައި އެންމެ ގަދަޔަށް ވިދާލި ކުޅުންތެރިޔަކީ އެޓީމަށް ރެކޯޑު 672 ގޯލު ޖަހައިދީފައިވާ، ދުނިޔޭގެ ގިނަބަޔަކު އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ލިއޮނަލް މެސީއެވެ.
އޭގެ ކުރިން ޑިއޭގޯ މަރަޑޯނާއާއި ރޮނާލްޑީނިއޯވެސް މި ޝަރަފުވެރި ޖާޒީގައި ކުޅެފައިވެއެވެ. މެސީގެ ފަހުން މި ނަންބަރު ރަސްމީކޮށް ބޭނުންކުރާ ފުރަތަމަ ކުޅުންތެރިޔަކަށް ވާނީ ޔަމާލެވެ.
ޖާޒީ ނަންބަރު 10 ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޔަމާލް ބުނީ މެސީ ހާސިލުކުރި ކަންކަން މި ކްލަބާއެކު ހާސިލުކުރަން ބޭނުންވާ ކަމަށެވެ. އަދި މެސީއަށް އަދިވެސް ފުރިހަމައަށް އިހުތިރާމު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގައި 19 ނަންބަރު ޖާޒީގައި ކުޅުނު ޔަމާލްގެ މޮޅު ކުޅުމާއެކު، ބާސާއިން ވަނީ 2031 ވަނަ އަހަރާ ހަމައަށް އޭނާއާއެކު އެއްބަސްވުން އާކޮށްފައެވެ.




