މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ބަދަލުވުމާ ގުޅޭ މަޝްވަރާތައް ނިމުމަކާ ގާތަށް ގޮސްފިއެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ދެ ކުލަބުގެ ދެމެދުގައި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ލޯނު މުއްދަތު ހަމަވުމުން ރަޝްފޯޑް ގަތުމުގެ ފުރުސަތު ބާސާއަށް ލިބިގެންދާނެއެވެ.
ބާސެލޯނާއިން މި ޓްރާންސްފާ މާކެޓުގައި އެޓޭކް ވަރުގަދަކުރުމަށް އެންމެ ފުރަތަމަ އަމާޒުކުރީ އެތްލެޓިކް ބިލްބާއޯގެ ޒުވާން ވިންގާ، ނިކޯ ވިލިއަމްސް އަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެ، ވިލިއަމްސް ވަނީ ބިލްބާއޯގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެ ފަހުން ބާސާއިން ވަނީ ލިވަޕޫލްގެ ލުއިސް ޑިއާޒް ހޯދުމަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ.
ރަޝްފޯޑަކީ ޔުނައިޓެޑްގެ އެކެޑަމީން އުފެދިގެން އައި ކުޅުންތެރިއެކެވެ. އުމުރުން 18 އަހަރުގައި ސީނިއާ ޓީމަށް ކުޅެން ފެށި ރަޝްފޯޑް، މިހާތަނަށް ވަނީ ޔުނައިޓެޑްގެ ޖާޒީގައި 426 މެޗު ކުޅެ، 138 ލަނޑު ޖަހާފައެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްއާ ދިމާވި މައްސަލަތަކާ ގުޅިގެން ރަޝްފޯޑް ވަނީ އެސްޓަން ވިލާގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.



