އަމާޒަކީ ނ. ހެނބަދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހެނބަދޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ހެނބަދޫގެ ރައްޔިތުންނަށް ހައްލު ކޮށްދެއްވާނެ އެންމެ މުހިންމު އެއްކަމަކީ އެރަށުގެ ބިންހިއްކުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ޖާގަ އޮތްވަރުން ބިން ހިއްކެއް އެންމެ ބޮޑަށް އޮތްވަރަކުން ބިންހިއްކައިދެއްވާނެ ކަމަށް އެމަނިކުފާނުވީ ވައުދުފުޅު ފުއްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން މިއަހަރު ރަށްރަށުގެ ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ނިންމާފައިވަނީ އެކިއެކި ބައިބަޔަށް ބަހާލައިގެން ކަމަށާއި މިހާރު ސޮއި ކުރެވެމުންދަނީ ހަވަނަ ބެޗުގެ މަސައްކަތްތަށް ކަމަށެވެ.
”7ވަނަ ބެޗުގައި ހިމެނެނީ ދެން މިއަހަރު ފެށެންހުރި މަޝްރޫއުތައް. އަންނަ އަހަރަށްވެސް ބައެއް މަޝްރޫއުތައް ހުންނާނެ ބަހައްޓާފަ. މިއަހަރާއި އަންނަ އަހަރަކީ އުމްރާނީ ތަރައްގީގެ އަމަލީ މަސައްކަތް ބަހާލައިގެން ފަށާ ދެ އަހަރު“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ ބެޗުގެ މަސައްކަތުގެ ތެރޭގައި ހެނބަދޫގެ ބިން ހިއްކުން ހިމަނާފައިވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ތަފްސީލީ ޑިޒައިނެއް ހަދަންޖެހޭތީ ކައުންސިލާވެސް މަޝްވަރާތަކެއް ކުރައްވަން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.




