މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑު ބާސެލޯނާއަށް ލޯނު އެއްބަސްވުމެއްގައި ސޮއިކޮށް، ކްލަބްގެ ޓްރެއިނިންގް ޓީމާ ގުޅިއްޖެއެވެ.
މި އެއްބަސްވުމުގައި އަންނަ އަހަރުގެ ކުރީކޮޅު ރަޝްފޯޑު ދާއިމީކޮށް ބާސެލޯނާއަށް ބަދަލުކުރުމުގެ އޮޕްޝަނެއް ހިމެނެއެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި މި އަގު ހަމަޖެހިފައިވަނީ 30 މިލިއަން ޔޫރޯ (34.9 މިލިއަން ޑޮލަރު) އަށެވެ.
ނަމަވެސް މި އަދަދު ދެ ކްލަބުންވެސް އަދި ކަށަވަރުކޮށް ނުދެއެވެ.
ރަޝްފޯޑު ބާސެލޯނާގައި ކުޅޭނީ ނަންބަރު 14 ޖާރޒީގައެވެ. އޭނާ އާދީއްތަ ދުވަހު ބާސެލޯނާއަށް ދަތުރުކޮށް، މި އެއްބަސްވުން ފުރިހަމަކުރީ ކްލަބުގެ ޕްރީ ސީޒަން ދަތުރު ފެށުމުގެ ކުރިންނެވެ.

ހާންސީ ފްލިކްގެ ބާސާ މި ހަފްތާގެ ބުރާސްފަތި ދުވަހު އޭޝިއާއަށް ފުރާނެއެވެ. އެ ދަތުރުގައި ޖަޕާނާއި ދެކުނު ކޮރެއާގައި ވިސެލް ކޯބޭ، ޑެގޫ އަދި އެފްސީ ސިއޯލްއާ ދެކޮޅަށް މެޗުތައް ކުޅޭނެއެވެ.
27 އަހަރުގެ އިނގިރޭސި ފޯވާޑު ބުނީ، ބާސެލޯނާއަކީ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ކްލަބެއް ކަމަށެވެ.
”ވަރަށް އުފާވޭ، މިއީ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ކްލަބެއް. އެމީހުން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރޭ އަދި މި ކްލަބު ކާމިޔާބީތައް އަހަންނަށް ވަރަށް މުހިންމު.“ ރަޝްފޯޑު ބާސާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޝްފޯޑަށް ޝައުގުވެރިކަން ހުރިކަން ކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރ ޑެކޯ މި އަހަރުގެ މެއި މަހު އީއެސްޕީއެން ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވެއެވެ.



