ގަވައިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސް އިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ފޮޅާ ސާފުކުރުމަށް ޙަރަކާތްތެރިވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި 7 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



