ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައެވެ.
މި ރަސްމިއްޔާތުގައި ދެ ގައުމުގެ ދެމެދުގައި ޖުމްލަ 8 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
މީގެ ތެރޭގައި ފްރީ ޓްރޭޑް އެއްބަސްވުމާއި، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 565 މިލިއަން ޑޮލަރުގެ އެއްބަސްވުމާއި، ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުން ހިމެނެއެވެ.
އަދި މަސްވެރިކަމުގެ ދާއިރާއާއި، ބޭސް އެތެރެކުރުމާއި، މޫސުމާއި ތިމާވެށި މޮނިޓަރކުރުމާއި، ޑިޖިޓަލް ތަރައްގީއާއި އިނޮވޭޝަނާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެއެވެ. މީގެ އިތުރުން އެމްޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް ނެޓްވޯކް ޓު ނެޓްވޯކް ކްރޮސްބޯޑާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަކުރެވުނެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.



