އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އެޅި 4000 ހައުސިން ޔުނިޓުތައް ނިންމާ ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ”ގެދޮރުވެރިޔާ“ މަޝްރޫއުގެ ދަށުން އިމާރާތްކުރި މި ޔުނިޓުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
މި މަޝްރޫއުގެ ”ރަމްޒީ ތަޅުދަނޑި“ އާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި މި ފްލެޓްތަކުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ. މި ހައުސިން ޔުނިޓްތަކުގެ ތެރޭގައި ދެ ކޮޓަރީގެ 1200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 2800 އެޕާޓްމަންޓް ހިމެނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް މިހާރުގެ ސަރުކާރުން ވަނީ ރިވިއުކޮށްފައެވެ. އަދި މި ރިވިއުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓެއް މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފައެވެ.
އާންމުކުރި ލިސްޓުގައި ޖުމްލަ 1،820 މީހަކަށް ފްލެޓް ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 1،423 މީހުންނެވެ.
އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހުންނެވެ.



