ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައި، އެހެން ޤައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފިއެވެ.
މި ކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ޤައުމުތަކުން އަވަހަށް އެކަން ކުރުމަށް ގޮވާލާ ކަމަށެވެ.
ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ނިންމުން ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހެނީ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކަމަށާއި، ސުލްހައިގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް މެކްރޯން ފާހަގަކުރެއްވިއެވެ.
ފްރާންސްގެ މި ނިންމުމަށް ފަލަސްތީނުގެ ފަރާތުން މަރުހަބާ ކިޔާފައިވާއިރު، އިޒްރޭލުން ވަނީ މި ނިންމުމާމެދު ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ.
އދ. ގެ 193 މެންބަރު ޤައުމުތަކުގެ ތެރެއިން 140 އަށްވުރެ ގިނަ ޤައުމުން މިހާރުވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވެއެވެ. މީގެ ތެރޭގައި ސްޕެއިން ފަދަ ޔޫރަޕިއަން ޤައުމުތައްވެސް ހިމެނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގައި 59,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 130,000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަނގުރާމައިގެ ސަބަބުން ގާޒާގެ އާބާދީގެ ބޮޑު ބައެއް ނިކަމެތި ހާލުގައި ޖެހި، އިންސާނީ ބޮޑު ހަލާކެއް ވަނީ ކުރިމަތިވެފައެވެ.
ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.



