އިންޑިއާއިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ހޮސްޕިޓަލްތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
”އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް“ ގެ ނަމުގައި ހަދިޔާކުރި މި ހޮސްޕިޓަލްތަކަކީ އެއްތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ، ގިނަ ހިދުމަތްތަކާއެކު ހެދިފައިވާ މިފަދަ ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ.
މި ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެއެވެ.
ޕަވަރ ޖަނަރޭޓަރާއެކު ހުންނަ މި ހެލްތު ކިއުބްގައި ލޭގެ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމާނު ވެސް ހިމެނެއެވެ. މިއީ ބޮޑެތި ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ ވަސީލަތެކެވެ. މި ކިއުބްތަކުގެ ތެރެއިން ކޮންމެ ކިއުބަކުން މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭނެ އިރު، 200 މީހުންނަށް ފަރުވާދެވޭނެއެވެ.
ހެލިކޮޕްޓަރާއި ޕެރަޝޫޓްގައި ވެސް ކޮންމެ ތަނަކަށް ގެންދެވޭ މި ކިއުބްތައް ސެޓްއަޕްކޮށް، ފަރުވާގެ ކަންކަން ފެށުމަށް ހޭދަވާނީ އެންމެ 12 މިނެޓެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ހޮސްޕިޓަލްތައް ހިންގާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްއިންނެވެ.
މި ހޮސްޕިޓަލްތައް ރާއްޖޭގައި ބޭނުންކުރުމަށްޓަކައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.



