ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް ކަމުގައިވާ ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިކަން، މިދިޔަ ހަފުތާގައި އުއްތަމަފަނޑިޔާރުކަމުން ރިޓަޔަރކުރެއްވި އަހުމަދު މުއުތަސިމް އަށް އަރުވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުއުތަސިމަށް މި އިއްޒަތް އެރުވީ، ގާނޫނީ ދާއިރާގައި އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކާއި، ގާނޫނީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މުއުތަސިމްގެ ގާނޫނީ ކެރިއަރަށް ބަލާއިރު، 2009 އިން ފެށިގެން 2014 ގެ ޑިސެމްބަރާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ފުރުއްވުމަށްފަހު، 2019 ގެ ޑިސެމްބަރުގައި އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވުނެވެ.

އަދި މި މަހުގެ 21 ވަނަ ދުވަހު އުއްތަމަފަނޑިޔާރުކަމުން ރިޓަޔަރކުރެއްވިއެވެ.
ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިކަމަކީ ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފެވެ. މި އިއްޒަތް އަރުވަނީ ދައުލަތަށް އަދި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށެވެ.




