ދިވެހި އަމިއްލަ ކޮފީ ކެފޭ ފެމިލީ ރޫމް ކޮފީގެ އައުޓްލެޓެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކެފޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭން މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ ބައިވެރިވަޑައިގެން ވަނީ މިކަމުގެ އުފަލުގައި ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.
”ފެމިލީ ރޫމް“ އަކީ ކޮފީ ލެބް މޯލްޑިވްސް ގެ ދަށުންހިނގާ ކެފޭ އެކެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުން ގްރީން ކޮފީ ގެނެސް ކޮފީ ލެބް މޯލްޑިވްސް އިން ރާއްޖޭގައި އެ ރޯސްޓްކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ފަޚުރުވެރި ކަމާއެކުގައެވެ.
އެއީ އަމިއްލަ އަދި ދިވެހިވަންތަ އުފެއްދުމެވެ.
ފެމިލީ ރޫމް ކެފޭ ހިންގާ ކޮފީ ލެބް ކުންފުންޏަކީ ސްޕެޝިއަލިޓީ ކޮފީ ކެފޭތަކަށް ފޯރުކޮށްދިނުމާއި، ސްޕެޝިއަލިޓީ ކޮފީ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ އިތުރުން މި ދާއިރާއިން މީހުން ތަމްރީންކުރާ ދިވެހި ކުންފުންޏެކެވެ.
މިތަނުން ތާޒާ ކޮފީ ބީންސް ރޯސްޓްކުރުމަށްފަހު ރާއްޖޭގެ އެހެން ކެފޭތަކަށާއި ބައެއް ރިސޯޓްތަކަށްވެސް ފޯރުކޮށްދެއެވެ.


