އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް އިންޓަ މިއާމީއާ ގުޅުނު ކަމަށް އެ ކްލަބުން އިއުލާނުކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑެ ޕޯލް އިންޓާ މިއާމީއަށް ބަދަލުވެފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި އެއްބަސްވުމުގައި 2029 ވަނަ އަހަރާ ހަމައަށް ދާއިމީކޮށް ކުޅުމުގެ އޮޕްޝަންވެސް ހިމެނިފައިވެއެވެ.
މި ބަދަލާއެކު، ޑެ ޕޯލްއަށް އަލުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާއެކު އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމް.އެލް.އެސް) އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
”އޭނާ އަހަރުމެންގެ ޓީމަށް އަދި އަހަރުމެންގެ ސިޓީއަށް ތަޖުރިބާ، ޖޯޝު އަދި ފެންވަރު ގެނެސްދޭނެ. އަހަރެން ވަރަށް އުފާކުރަން ވޯލްޑް ކަޕް ކާމިޔާބުކުރި އިތުރު ކުޅުންތެރިއަކު އިންޓާ މިއާމީއަށް އެކަނި ނޫން، އެމް.އެލް.އެސް އަށްވެސް މަރުޙަބާ ކިޔަން ލިބުނު ކަމަށް.“ އިންޓާ މިއާމީގެ އިސްވެރިން މި ބަދަލާ ގުޅޭގޮތުން ބުންޏެވެ.
އާޖެންޓީނާ ގައުމީ ޓީމަށް 78 މެޗު ކުޅެފައިވާ ޑެ ޕޯލްއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2021 އަދި 2024 ވަނަ އަހަރުގެ ކޯޕާ އެމެރިކާވެސް އާޖެންޓީނާއާއެކު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ގައުމީ ޓީމުގައި ލިއޮނަލް މެސީގެ ”ބޮޑީގާޑް“ ގެ މަގާމު އަދާކުރި ކުޅުންތެރިޔާގެ ގޮތުގައެވެ.
ޑެ ޕޯލްގެ ޕްރޮފެޝަނަލް ކެރިއަރުގައި ގާތްގަނޑަކަށް 500 މެޗު ކުޅެ، 57 ގޯލު ޖަހައި، 74 އެސިސްޓް ކޮށްފައިވެއެވެ.
އޭނާ ކުޅެފައިވާ ނަންހިނގާ ކްލަބުތަކުގެ ތެރޭގައި އާޖެންޓީނާގެ ރޭސިން ކްލަބް، އިޓަލީގެ އުޑިނޭސޭ އަދި ސްޕެއިންގެ ވެލެންސިއާ އާއި އެތުލެޓިކޯ މެޑްރިޑް ހިމެނެއެވެ.



