ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ކޯޓު އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހުޅުމާލެ ފޭސް އެކެއްގައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ ޖަސްޓިސް ބިލްޑިންގް އެނެކްސްގައި 15 ކޯޓު ރޫމް ޤާއިމްކޮށްފައިވެއެވެ. މި އިމާރާތުގައި ޖުމްލަ 17 ފަނޑިޔާރުން މަސައްކަތް ކުރައްވާނެއެވެ. އޭގެ ތެރެއިން 5 ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނެވެ. އަދި 12 ފަނޑިޔާރުންނަކީ ޑްރަގް ކޯޓުގެ ފަނޑިޔާރުންނެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޤާމުން ރިޓަޔަރ ކުރެއްވި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިމާރާތުގައި ފަނޑިޔާރުންނަށް ޚާއްސަ ބިއުރޯއެއް ޤާއިމްކޮށްފައިވާއިރު، ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ޚާއްސަ ރޫމްތަކެއްވެސް ޤާއިމްކުރެވިފައިވެއެވެ.
އަދި ޝަރީޢަތް ހިންގުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ވަނީ ޤާއިމްކޮށްފައެވެ. މި އިމާރާތުގައި ފުރަތަމަ ޝަރީޢަތް ތާވަލްކޮށްފައިވަނީ މިއަދު 4:30 ގައި ކުރިއަށް ގެންދާ ގޮތަށެވެ.
ރައީސްގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުމެވެ.
މި މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.



