ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.
މި މުނާސަބަތު ފާހަގަކުރުމަށް ”ޑައިމަންޑް ޖުބްލީ ކޮމިޓީ“ ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބީ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް)ގެ އެގްޒެކެޓިވް ކޮމިޓީންނެވެ.
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުން އަލިމަސް ޔޫބީލް މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
ޑައިމަންޑް ޖުބްލީ ކޮމިޓީއަށް މެންބަރުން އައްޔަނުކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީއަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚަށް ބަލާއިރު، 1948 ގައި ފުރަތަމަ ރަސްމީ ފުޓުބޯޅަ މުބާރާތް ބޭއްވުނެވެ. އަދި 1950 ގައި ފުޓުބޯޅައަށް ޚާއްސަ އޮފީހެއް އުފެދުނެވެ. ދިވެހި ގައުމީ ޓީމު އެންމެ ފުރަތަމަ އެކުލަވާލެވުނީ 1978 ގައެވެ. އެ އަހަރު ރިޔޫނިއަންގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށެވެ.
އެހެންނަމަވެސް، މި އުފާވެރި މުނާސަބަތު ފާހަގަކުރަން ނިންމި އިރު، ދިވެހި ފުޓުބޯޅަ ވަނީ ނާޒުކު ހާލަތެއްގައެވެ. ބޮޑެތި ދަރަނިތަކާއި، ކުލަބުތަކާއި ފުޓުބޯޅައިގެ ވަސީލަތްތައް ރަނގަޅު ހާލަތެއްގައި ނެތުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
އެފްއޭއެމްގެ އާ ރައީސް ޓޮމްގެ އެންމެ އިސް އަމާޒަކަށް ވާނީ މި ދަރަނިތަކުން ސަލާމަތްވެ، ދިވެހި ފުޓުބޯޅަ އަލުން ހަރުދަނާ މަގަކަށް އެޅުވުމެވެ.



