ދ.ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ އަދާހަމަ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ.
ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާ އާއި ހިއްސާކުރަމުން އާރްޑީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ކުޑަހުވަދޫގައި މިހާރު ކުރަމުން ދަނީ ދޮށިމޭނާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ޝަހީދު އަލީ ހިނގުމުގައި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ކުޑަހުވަދޫއަކީ 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.



