ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހު މިނިސްޓަރު ސައީދު ވަނީ އެމެރިކާ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ވެސް ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރެވުނެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ސައީދު ވަނީ ސަރުކާރުގެ އިގްތިސާދީ ތަސައްވަރު ހުށަހަޅުއްވައި، އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.



