ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާއު ދެންނެވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މި މަޝްވަރާތަކުގެ އަލީގައި ރައީސް މުޢިއްޒު އަދި ރައީސް ޑިސަނާޔަކެ ވަނީ ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމުގައި ބެލެވެއެވެ.
ހާއްސަކޮށް މި އަހަރަކީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މި ދަތުރުފުޅު އިތުރު މުހިންމުކަމެއް ލިބިގެންދެއެވެ.
ދެ ޤައުމުގެ މެދުގައި ރަސްމީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.



