ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވާތަން ބަލަން ނުތިބެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެން ނުވާނެ ކަމަށާއި ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
”އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއް،“ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މާޗު މަހު ޣައްޒާގެ ކާނާގެ ތަކެތި ހުސްވެފައިވާއިރު، މޭ މަހުން ފެށިގެން އިޒްރޭލުން ވަނީ ކޮންމެވެސް ވަރަކަށް ކާނާ އާއި އެހީގެ ތަކެތި ވެއްދުމުގެ ހުއްދަ ދީފައެވެ. މި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން މެދުވެރިކޮށެވެ.
އެހީގެ ތަކެތި ބަހަމުންދާ ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ ހެލްތު މިނިސްޓްރީގެ މައުލޫމާތުން ދައްކާގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މުޅި ޖުމްލަ 60،034 މީހުން ޝަހީދުވެފައިވެއެވެ.
ކާބޯތަކެތި ނުލިބުމުގެ ސަބަބުން 147 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 88 ކުޑަކުދިން ހިމެނެއެވެ.




