ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 3 މަހުގެ އޮންއެރައިވަލް ވިސާ ދޭން އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި މިކަން އިއުލާނުކުރަމުން ބުނީ، ޖުލައި މަހުން ފެށިގެން ލަންކާގެ ރައްޔިތުންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ދޫކުރަން ފަށާނެ ކަމަށެވެ.
މިއީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެކު ކުރެއްވި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަމުގެ ތެރެއިން އެއްކަންތަކެވެ.
ސްރީލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އަވައްޓެރި ޤައުމެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމަކީވެސް ސްރީލަންކާއެވެ.
އަދި ޒަމާނުއްސުރެ ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ޤައުމުގެ ގޮތުގައިވެސް ފާހަގަކުރެވެނީ ސްރީލަންކާއެވެ.



