ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތްކުރުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ސްޓެލްކޯގެ މުވައްޒަފަކަށް ލިބިއްޖެއެވެ.
ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ ދަޢުލަތަށާއި އެ ކުންފުންޏަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ކުންފުނީގެ މުވައްޒަފަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ލިބިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ލިބިފައިވަނީ އިޚްލާސްތެރިކަމާއިއެކު އެ ކުންފުންޏަށް
ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ޗީފް މެކޭނިކަލް އިންޖީނިއަރ އަލީ އަޙްމަދަށެވެ.
”ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަން“ ސްޓެލްކޯ އިން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސްޓެލްކޯ އިން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫޙުގައި، ސާބިތުކަންމަތީ އަލީ އަހްމަދު ކޮށްދެއްވަމުންގެންދަވާ އިޚްލާސްތެރި ޤައުމީ ޚިދުމަތް އެ ކުންފުނިން ފަޚުރާއި، ޝުކުރުވެރިކަމާއިއެކު ބަަލައިގަންނަ ކަން ހާމަކޮށްފައެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ 94 ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.



