އޫރިދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
މި އޮފާތަކުގެ ތެރޭގައި އުމްރާ އަދި ހައްޖު ދަތުރުތަކާއި، ބޯނަސް ޑޭޓާ އަދި އެހެނިހެން ހާއްސަ އިނާޔަތްތައް ހިމެނެއެވެ.
އޫރިދޫއިން މިހާރު ފަށާފައިވާ ”ލިވް އަންލިމިޓެޑް“ ކެމްޕެއިންގެ ދަށުން، 250 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ހިދުމަތެއް ހޯދާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އެއްފަހަރު ގުރުއަތުލެވޭނެއެވެ.
މި ގުރުއަތުން 19 ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބޭއިރު، އެންމެ ފަހު ނަސީބުވެރިޔާއަށް ދެ މީހުންގެ ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، އޮގަސްޓް 1 އިން 7 އަށްކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެކަމަށް އޫރިދޫއިން ބުނެއެވެ. މި ބޯނަސް ޑޭޓާ ބޭނުންކުރުމަށް 4 ހަފުތާގެ މުއްދަތެއް ދެވޭނެއެވެ.
އަދި އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު، މައި އޫރިދޫ އެޕްގެ ”ސްޕިން ދަ ވީލް“ ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު އޮފާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި އެމް-ފައިސާ މެދުވެރިކޮށް ފުޑީސްއިން ކާބޯތަކެތި އޯޑަރުކުރާ ފަރާތްތަކަށް ދެން އަންނަ އޯޑަރުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.



