ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލިކުރާ، އާޖެންޓީނާގެ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ޚާއްޞަ ދަތުރެއް ކުރުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރު މެސީ ކުރަނީ ގިނަ އަދަދެއްގެ ފުޓްބޯޅަ ހަރަކާތްތަކެއްގައި ބައިވެރިވުމަށެވެ. އަދި މިދަތުރުގައު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާވެސް މެސީ ބައްދަލުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓުތަށް ބުނާގޮތުގައި، އިންޑިއާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމުކުރާ މި ދަތުރުގައި މެސީ އެންމެ ފުރަތަމަ ޒިޔާރަތްކުރާނީ ޑިސެމްބަރު 12 ވަނަ ދުވަހު އިންޑިއާގެ ފުޓްބޯޅައިގެ ހިތްކަމުގައި ބެލެވޭ ކަލްކަތާއަށެވެ. އެ ސިޓީގައި މެސީގެ ޝަރަފުގައި ޚާއްޞަ ހަނދާނީ ބިނާއެއް ހުޅުވައިދިނުމުގެ އިތުރުން، ތާރީޚީ އީޑެން ގާޑެންސް ސްޓޭޑިއަމްގައި ބޭއްވޭ ”ގޯޓް ކަޕް“ އަދި ”ގޯޓް ކޮންސެޓް“ ގައި ބައިވެރިވާނެއެވެ.
ގޯޓް ކަޕަކީ ސޯރަވް ގަންގޫލީ، ލެއަންޑާ ޕައެސް، ބައިޗުން ބުޓިއާ އަދި ބޮލީވުޑް ތަރި ޖޯން އަބްރަހަމް ފަދަ އިންޑިއާގެ މަޝްހޫރު ޝަޚްޞިއްޔަތުން ބައިވެރިވާ ސެވަން އަ ސައިޑް މުބާރާތެކެވެ.
މީގެ އިތުރުން މެސީ އަހުމަދުއާބާދުގައި ބިލިއަނަރު ގޯތަމް އަދާނީގެ ފައުންޑޭޝަނުގެ ޕްރައިވެޓް އިވެންޓެއްގައި ބައިވެރިވުމަށްފަހު، މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ބޭއްވޭ ގޯޓް ކަޕުގައިވެސް ބައިވެރިވާނެއެވެ.
މި ދަތުރުގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެނީ ޑިސެމްބަރު 15 ގައި ވެރިރަށް ނިއު ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ކުރާ ބައްދަލުވުމެވެ.
އަދި އެންމެ ފަހު ހަރަކާތުގެ ގޮތުގައި ފީރޯޒް ޝާހު ކޮޓްލާ ސްޓޭޑިއަމްގައި ބޭއްވޭ ގޯޓް ކަޕުގައި ބައިވެރިވާނެއެވެ. މީގެ އިތުރުން ކޮންމެ ސިޓީއެއްގައިވެސް ކުޑަކުދިންނަށް ޚާއްޞަ މާސްޓަރކްލާސް ސެޝަންތަކާއި ސަޕޯޓަރުންނާ ބައްދަލުކުރުން ހިމެނެއެވެ.
ކްރިކެޓަށް މަޝްހޫރު އިންޑިއާގައި ފަހަކަށް އައިސް ފުޓްބޯޅައަށް ޝައުޤުވެރިވާ މިންވަރު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މެސީގެ މި ދަތުރަކީ އެ ޤައުމުގައި ފުޓްބޯޅަ އިތުރަށް މަޤްބޫލުކުރުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމުގައި ބެލެވެއެވެ.
ފީފާއިން ވެސް އިންޑިއާގެ ބިޔަ އާބާދީގެ ފައިދާ ނަގައި، އެ ޤައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.



