”ޔަންމާ ސްޕެއާ ޕްރޮމޯ 2025“ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީއެވެ.
5 އޮގަސްޓުން 5 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމެވެ.
ޕްރޮމޯޝަންގެ ދަށުން ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެއެވެ.
މި ހަފްލާގައި ދިން އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީ ވިދާޅުވީ، ދިވެހި ރާއްޖޭގައި ޔަންމާ އިންޖީނު ތައާރަފް ކޮށްގެން ވިއްކާތާ ގާތްގަނޑަކަށް 50 އަހަރު މިއަހަރަށް ވާނެ ކަމަށެވެ.
އަދި ރާއްޖޭގައި މިހާރު ވަރަށް ގިނަ ޔަންމާގެ ކަސްޓަމަރުން ތިބިކަމަށާއި، ސްޕެއާ ޕާޓްސް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަދުވެގެން 3 މަހަށް ވާވަރަށް ސްޕެއާ ޕާޓްސް ސްޓޮކް ކުރެވިފައިވާ ކަމަށް އަޙުމަދު ސައުދީ ހާމަކުރެއްވިއެވެ.
މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރާތްކުރުން ހިމެނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ އަމާޒުގައި، ކޮންމެ އަހަރަކުވެސް އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް އިސްކަންދެއެވެ.


