އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޣައްޒާ އެއްކޮށް ހިފައި ސިފައިންގެ ބާރުގެ ދަށަށް ގެންދަން ކުރި އަމުރަށް ސިފައިންގެ ވެރިޔާ، ޑިފެންސް ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު ދެކޮޅުހަދައިފި އެވެ.
އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޒާމިރު ބުނެފައިވަނީ އެއީ ސިފައިން ދަންތުރައެއްގައި ޖެއްސުމެއް ކުރާ އަމުރެއް ކަމަށެވެ.
މި މައްސަލައިގައި ނަތަންޔާހޫ އާއި ޒާމިރު ދެމެދު ހިނގި ހޫނު ބަހުސަކަށްފަހު، ނަތަންޔާހޫގެ ދަރި ޔައިރު ނަތަންޔާހޫ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޒާމިރަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ޒާމިރު އުޅެނީ 1970 ގެ އަހަރުތަކުގައި އެމެރިކާގެ ގައުމަކުން ފެނުނު ފަދަ އަސްކަރީ ބަޣާވާތެއް ކުރާށެވެ.
ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒާމިރު ވަނީ މި ތުހުމަތުތަކާ ދެކޮޅު ހަދައި، ނަތަންޔާހޫއަށް ވަރުގަދައަށް ރައްދު ދީފައެވެ.
”މިއީ ކިހިނެއްވާ ކަމެއް؟ ކީއްވެ އަހަންނަށް ޓާގެޓް ކުރަނީ؟ ހަނގުރާމައެއްގެ ތެރޭގައި ފާޑުކިޔަނީ ކީއްވެ؟“ ޒާމިރު ސުވާލުކުރި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން، ޣައްޒާ އެއްކޮށް ހިފުމަށް ކެބިނެޓުން ބާރުއަޅަމުން ދާތީ މި ފަހަކަށް އައިސް ޒާމިރާއި ކެބިނެޓު މެންބަރުންނާ ދެމެދު ދަނީ ދެބަސްވުންތައް އިތުރުވަމުންނެވެ. ޒާމިރު ވަނީ އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި، ޣައްޒާ ހިފައިފި ނަމަ އިޒްރޭލުގެ 50 ރަހީނުންނަށް އިތުރު ނުރައްކާ ކުރިމަތިވާނެ ކަމަށް ވެސް ބުނެފައެވެ.
ނަމަވެސް މި މައްސަލައިގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މިއަދު ވާހަކަދައްކަމުން ބުނީ ސިފައިންގެ ވެރިޔާއަށް އޮންނާނީ ޣައްޒާއާ ގުޅޭ ގޮތުން ސަރުކާރުން އަންގާ ކޮންމެ ކަމެއް ތަންފީޒުކުރުން ކަމަށެވެ.



