އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއްގައި އެ ގައުމުގެ ކޯޓަކުން ހުކުމްކުރެވުނު ފަރާތަކީ ދިވެހި ރައްޔިތެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ސުންދަރަލިންގަމް ކޫޑަލިންގަމް ގެ ނަމުގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ މީހާއަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާ ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނިގޮތުގައި، ލަންޑަންގެ ކޯޓުން ހުކުމްކުރެވުނު މި ފަރާތަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހެއް ނޫނެވެ.
މިފަދަ މައްސަލަތަކުގައި ސައްހަނޫން މަޢުލޫމާތު ނުވަތަ އޮޅުން އަރާފަދަ މަޢުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ބަޔާނުގައި އެދިފައިވެއެވެ.



