ފަލަސްތީނުގެ ގާޒާ ހިފުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގާޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލެއް ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤަށް ބޮޑު އަރައިގަތުމެއް ކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ވޭނާއި ތަކްލީފު އިތުރުވުމުގެ އިތުރުން، މިއީ ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ ދެމިއޮންނާނެ ކަމަށާއި، ގާޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްތީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ވަނީ އިޒްރޭލުން ގާޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.
އަދި ފަލަސްޠީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ގާނޫނާ ހިލާފު ޢަމަލުތަކަށް އެ ގައުމު ޒިންމާދާރުކުރުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ގޮވާލައްވާފައިވެއެވެ.
މިއަދު އިޒްރޭލުގެ ކެބިނެޓުން ވަނީ ގާޒާ ހިފައި، އެ ސަރަހައްދުގައި ވަކި ވެރިކަމެއް ހިންގުމަށް ފާސްކޮށްފައެވެ.



