ޕޯޓަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
މިކަން ސީއީއޯ ހާމަކުރެއްވީ ނޯތު ހާބަރއަށް އެމްޕީއެލްއިން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ، މެނޭޖުކުރުމަށް ތިލަފުށީގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އަދި ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ މުވައްޒަފުންނެވެ.
މިހާރު ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް ބަހައްޓަމުން ގެންދަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިކަމަކީ ބޮޑު ޖާގައެއް ބޭނުންވާ މަސައްކަތަކަށް ވުމާއެކު، މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ.
”ހުސް ކޮންޓެއިނަރތައް ބެހެއްޓުމުގެ ސަބަބުން ޕޯޓުގެވެސް ވަރަށް ބޮޑު ޖާގައެެއް އެބަ ގެއްލޭ. އަޅުގަނޑުމެން ވަނީ އަންގާފައި މިހާރު އެތަން އަވަހަށް ނިންމުމަށް. އޭރުން އަންނަ މަހުގެ ނިޔަލަށް ހުސްކުރާ ކޮންޓެއިނަރތައް ތިލަފުއްޓައް ގެންދެވެން ފެށޭނެ،“ރިޝްވާން ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޕޯޓުގެ ޚިދުމަތްތައްވެސް އަންނަނީ ބާރުބޮޑުވަމުންނެވެ.
އެމްޕީއެލްއިން ފާހަގަކުރާ ގޮތުގައި މާލޭގެ ޕޯޓުގެ ޖާގައިގެ ދަތިކަމުން ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާއިރު، މަސައްކަތުގެ މާޙައުލުގެ ރިސްކްވެސް އިތުރުވަމުންދެއެވެ.



