ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއާ ދެމެދު، ޢިލްމީ ދިރާސާކުރުމުގެ ޕްރޮގުރާމެއް ހިންގުމާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި ފަހުމުނާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޔާދަކުރެއްވުމަށް ދެއްވަވާ ޚާއްޞަ އިސްކަމުގެ ދަށުން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.
”މި ފަހުމުނާމާގެ ދަށުން ދިވެހިންގެ ތާރީޚާއި، ސަގާފަތާއި، ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރު ކުރުމަށް ދިރާސާވެރިން އުފެއްދުމުގެ މަސައްކަތް ކުރެވިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވިގޮތުގައި މި ފަހުމުނާމާގެ ސަބަބުން އެކިއެކި ދާއިރާތަކުން ދިރާސާކުރުމާއި، ސެމިނާރު، ކޮންފަރެންސް ބޭއްވުމުގެ އިތުރުން ޤައުމަށް ފައިދާހުރި ދާއިރާތަކުން އެކިއެކި ޝާއިޢުކުރުންތައް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.




