ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިހެން ފަލާހު ވިދާޅުވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ، ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި، މިފަދަ މެސެޖު ކުރުވި ނަމަވެސް ކާމިޔާބެއް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި މިފަދަ ޢަމަލުތަކުން ދައްކުވައިދެނީ އެފަދަ ފަރާތްތަކަކީ އެއްވެސް އަޚްލާޤެއް ނެތް، ބުއްދި ގޯސް ބައެއްކަން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ފަލާހް ވަނީ މެންބަރު އައްބާސްއާ ގުޅޭގޮތުން އިތުރު ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ.
އެގޮތުން، އައްބާސްއަށް މިފަދަ ފިތުނަ ފަތުރައިދޭ މަތިން ޔާމީން ދާދި ފަހުން އެ ގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ކަމަށް ފަލާހް ވިދާޅުވިއެވެ.



