ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ޖާގައެއް ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ ’އެމްޕަވަމަންޓް ހަބް‘ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކުވެސް މަޝްވަރާކުރެވިގެން ޑިޒައިން ކުރެވިފައިވާ ތަނެއްކަމުގައި އާއިލީ ތަރައްޤީއާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް މިނިސްޓްރީން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އެ މިނިސްޓްރީއާ ، ފަހިދިރިއުޅުން ކޯޕަރޭޝަން އަދި ޒަކާތު ފަންޑް ގުޅިގެން ތައްޔާރުކުރެވޭ އެމްޕަވަމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާވެސް މަޝްވަރާކުރެވިގެން، ތަފާތު ކަންކަމަށް ރިޢާޔަތްކުރެވިގެން ތައްޔާރުކުރެވެމުންދާ ތަނެއްކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެމްޕަވަަމަންޓް ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމުގެ އިތުރުން، އެތަނުގައި ކުރިއަށް ގެންދެވޭނެ ތަފާތު ޕްރޮގްރާމްތައްވެސް ވެގެންދާނީ އެ މަސައްކަތްތަކުގައި އަމަލީގޮތުން ޝާމިލުވެ އުޅުއްވާ ޖަމުޢިއްޔާތަކާއެކު މަޝްވަރާކުރެވިގެން ކުރިއަށްދެވޭ ޕްރޮގްރާމްތަކެއްކަމުގައި ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.
”ފާހަގަވާ އެއްކަމަކީ މި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުން އަޅުގަނޑުމެންނާއި ވަރަށް ގާތުން މަސައްކަތްކުރީ، ޑިޒައިންއާއި ޚިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާނީ އެބޭފުޅުންގެ ޚިޔާލާއި އެކުގައި. މަޤުސަދަކީ ހަބްގެ ޚިދުމަތް ދޭން ފެށުމުންވެސް މި ޖަމުޢިއްޔާތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން“ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވޭ މި ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް، އާންމުންނަށް ވިއްކުމަށް ހުޅުވޭ ފިހާރައެއްވެސް ހިމެނެއެވެ.



