ބޮލީވުޑްގެ މަޝްހޫރު ތަރި ޖެނީލިއާ ޑި ސޫޒާ، ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް ކުޅެން ސޮއިކޮށްފިއެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ޑައިރެކްޓްކުރާ އަދި ބޮލީވުޑްގެ ބަތަލު މަނޯޖް ބަޖްޕާއީ ހިމެނޭ ފިލްމެކެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޖެނީލިއާ ވަނީ އޭނާގެ ކެރިއަރުގައި އަލަށް ތަޖުރިބާކުރާ ރޯލަކަށް ދިއުމަށް ޝައުގުވެރިކަން ހުރި ކަމަށް ބުނެފައެވެ.
”ބިރުވެރި ފިލްމެއްގައި އަލަށް ހިއްސާވުމަކީ އަހަރެންގެ ކެރިއަރަށް ލިބޭ އިތުރު ކުރިއެރުމެއް،“ އޭނާ ބުންޏެވެ.
އާރްޖީވީއަކީ ބިރުވެރި ފިލްމުތައް ކާމިޔާބުކަމާއެކު ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނާގެ 2003 ވަނަ އަހަރުގެ ”ބޫތު“ އަކީ އަޖޭ ދަވްގަން އަދި އުރްމިލާ މަޓޯންޑްކަރް ފަދަ ތަރިން ހިމެނި، ވަރަށް ކާމިޔާބު ބިރުވެރި ފިލްމެކެވެ.
މިދިޔަ ޖޫން މަހު ރިލީޒްކުރި ”ސިތާރޭ ޒަމީން ޕަރް“ ގައި ފެނިގެންދިޔަ ޖެނީލިއާ ވަނީ އާރްޖީވީގެ މި އަލަށް އަންނަ ފިލްމުގެ މަސައްކަތަށް ވަރަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެފައެވެ.
ޖެނީލިއާގެ ކުރިއަށް ހުރި އެހެން މަޝްރޫއުތަކުގެ ތެރޭގައި އޭނާގެ ފިރިމީހާ ރިތޭޝް ޑައިރެކްޓްކުރާ ތާރީޚީ ފިލްމަކާއި، އިމްރާން ހާޝިމީއާއެކު ކުޅެން ހަމަޖެހިފައިވާ ތުރިލާ ”ގަންމާސްޓާ ޖީ9“ ހިމެނެއެވެ.



