ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 843 ފަރާތަކާއި ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން އެކްސްގަައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.
އަދި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ މިނިސްޓްރީ ހިންގި އިމާރާތުގެ ބިމުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތު ނެގުމުގައެވެ.
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާނަމަ އަދި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާނަމަ އެދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެއްޖެނަމަ ދެން ޖެހޭނީ އާ އެޕޮއިންޓްމެންޓެއް ހަމަޖައްސަން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.




