އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް ކްރިސްޓަލް ޕެލެސްއިން ކާމިޔާބުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އެފްއޭ ކަޕުގެ ޗެމްޕިއަން ޕެލެސްއިން އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކުރީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-2 ގެ ނަތީޖާއިންނެވެ.
މިއީ ޕެލެސްއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ހަތަރުވަނަ މިނެޓްގައި ލިވަޕޫލްގެ އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް ހޫގޯ އެކިޓީކޭ ގޯލެއް ކާމިޔާބުކޮށް ލީޑު ނެގި ނަމަވެސް، 17 ވަނަ މިނެޓްގައި ޕެލެސްގެ އިސްމާއިލާ ސާ އަށް ވާޖިލް ވެންޑައިކް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން ޖިއަން ފިލީޕޭ މަޓޭޓާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ 21 ވަނަ މިނެޓްގައި ލިވަޕޫލްގެ އަލަށް ގުޅުނު ނެދަލޭންޑްސްގެ ފުލްބެކް ޖެރެމީ ފްރިމްޕޮންގް ގޯލެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ނެގިއެވެ. ނަމަވެސް ދެވަނަ ހާފުގެ 77 ވަނަ މިނެޓްގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލާ ސާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ އާއި ޑޮމިނިކް ސޮބޮސްލާއި އެކަނި ޕެނަލްޓީ ކާމިޔާބުކުރިއިރު، ޕެލެސްގެ މަޓޭޓާ، ސާ އަދި ޖަސްޓިން ޑެވެނީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ ހުކުރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ ބޯންމަތާއެވެ.



