ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީއާއި، ހޯމް މިނިސްޓަރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެކެވެ.
“ މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ“ ފުލުހުން ބުނެފައި ވެއެވެ.
މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެފައި ވެއެވެ.



