ޒަކާތާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި ޒަކާތުގެ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.
މި ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދުއެވެ.
މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލުގެ މަގްސަދަކީ ދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
އެގޮތުން ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައަޅައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައަޅާނެއެވެ.
މި ބިލު ފާސްވެއްޖެނަމަ އެކުލަވާލާ ޤާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައި ވެއެވެ.
އަދި ޒަކާތުގެ ބިލުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި 9 މެންބަރުން ތިއްބަވާ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ޒަކާތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރެއްގެ މަސްއޫލިއްޔަތުތައްވެސް އެ ބިލުގައި ކަނޑައަޅާފައި ވެއެވެ.



