“މަޢުރިފާ“ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން އިސްލާމީ ފޮތް މަޢުރަޒެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެ ފޮތް މައުރަޒުގެ މައުލޫއަކީ ’ފޮތްތެރިކަން– ބުއްދީގެ ކާނާ‘ އެވެ.
މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 އިން 28 އަށެވެ.
އެގޮތުން އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެ މައުރަޒު ކުރިއަށް ދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މައުރަޒުން ޖާގަ ދޫކުރުމަށް ހަމަޖެހިފައި ވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް ކަމަށެވެ.



