ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި 5-0 ގެ ނަތީޖާއަކުން ކޯމޯގެ މައްޗަށް ކުރިހޯދައިފިއެވެ.
މި މެޗާއެކު ބާސެލޯނާއިން ވަނީ ގެމްޕާ ޓްރޮފީ ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. އެގޮތުން، މެޗު ފެށިގެން 21 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ.
ބާސެލޯނާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ތިން ލަނޑު ޖަހައި ހަތަރު ލަނޑުގެ ބޮޑު ލީޑެއް ހޯދާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލޮޕޭޒް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ރަފީނިއާ ވަނީ ލަނޑެއް ޖަހާފައެވެ.
އަދި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލަމީން ޔަމާލް ވަނީ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޔަމާލްވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއާއެކު، ބާސެލޯނާ އިން ވަނީ ޕްރީ ސީޒަންގައި ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ޕްރީ ސީޒަންގައި ބާސެލޯނާއިން ވަނީ ވިސެލް ކޯބޭ އާއި އެފްސީ ސޯލް ބަލިކޮށް، އެ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.
މިހާރު ކުޅުނު ތިން މެޗުންވެސް ކާމިޔާބީ ހޯދުމާއެކު، ކުރިޔަށް އޮތް ސީޒަނަށް ބާސެލޯނާގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ.




