ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގަތީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމަޢުން ފެށިގެން، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާއި، އަދި އެނޫންވެސް ހުރިހާ މަރުޙަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ގޮވާލައްވާފައެވެ.
ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން ރައީސް ވަނީ ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް، އެދިވަޑައިގެންފައެވެ.
ހަމައެހެންމެ މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަޙައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަންވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްޤީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނަރޝިޕްތައް ބިނާކޮށް، ޚިޔާލުތައް ޙައްލުތަކަށް ބަދަލުކޮށް، ޤައުމީ ކުރިއެރުން ބައްޓަންކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށްވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން ހުނަރު ތަރައްގީ ކުރުމާއި މަޝްވަރާކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ”ޒުވާނުންގެ ތަރޑް ސްޕޭސް“ އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



