ބ. ތުޅާދޫ ރައްޔިތުން ދަތުރު ދާނެ ރަށެއް ހޯދައިދޭން އެދިއްޖެއެވެ.
އެރަށު ކައުންސިލުން އެގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުޅާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ތުޅާދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުން ދަތުރު ދާނެ ރަށެއް ހޯދުމާއި، ނެރު ފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުން އަވަސްކޮށްދެއްވުން ހިމެނެއެވެ.
ތުޅާދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި ރަށު އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ނުލިބުމާއި، ރަށުގެ ކޯޓު އިމާރާތުގެ މަސައްކަތް ލަސްވެފައިވާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް ގާއިމުކޮށްދެއްވުމަށް އެ ކައުންސިލުގެ މެންބަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށު ސްކޫލަށް ބޭނުންވާ މަރާމާތާއި އިދާރީ މުވައްޒަފުން ހޯއްދަވައިދެއްވުމާއި، ތުޅާދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދަވައިދެއްވުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



