ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ތުޅާދޫގައި އައު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އިއުލާންކުރައްވައި، ރައީސް ވިދާޅުވީ، އެފަދަ މަޝްރޫޢުތަކުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފްލެޓް ރައްޔިތުންނާއި ހަވާލުކުރުމުގައި އެ ރަށެއްގެ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް، ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކަށް ސަރުކާރުން އިހްތިރާމް ކުރައްވާނެ ކަމަށެވެ.
އަދި، އެއީ ސަރުކާރުން ކޮންމެ ރަށެއްްގައި އަމަލުކުރާނޭ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ދަށުން އެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.
”މާނައަކީ އާ އިތުރު 100 ހައުސިން ޔުނިޓް، އާ 100 ފްލެޓް މަޝްރޫއު އެޅުމުގެ މަސައްކަތްކުރުމުގެ ބަޔަކު ހޯދުމާއި އެގްރީމަންޓް ހެދުމުގެ މަސައްކަތް މިހާރު އޮތީ ފެށިފައި“‘ ރައީސް ވިދާޅުވިއެވެ.
މިގޮތުން އެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ކަމަށާއި އެ މިންގަނޑު ކަނޑައަޅާނީ ރަށުގެ ރައްޔިތުންނާއި ދާއިރާގެ މަޖިލިސް މެމްބަރާ ވެސް މަޝްވަރާކޮށް ހިޔާލު ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާ ކަމަށާއި، އެކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެެވެ.




