އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށައެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށައަޅައިފިއެވެ.
އެގޮތުން އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ވަނީ ޢާންމު ކޮމިޓީއަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން އީ-ޕެޓިޝަން ޕޯޓަލެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އިސްލާހަކީ މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން ތަޢާރަފްކުރުމަށް ގަވާއިދުގައި ޕެޓިޝަނާ ގުޅޭގޮތުން ހުރި މާއްދާތަކަށް ގެނެވޭ އިސްލާހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ އެ ޕޯޓަލް މި މަހުގެ ފަހުކޮޅު އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާއިރު، މި އިސްލާހު މި ދައުރު ނިމުމުގެ ކުރިން ފާސްކުރުން މުހިންމު ކަމަށެވެ.
އެ އިސްލާހުގައިވާގޮތުން މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ރިވެތި ޢިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުޚާތަބުކޮށް ޢިބާރަތްކޮށްފައިވުމާއެކު ޕެޓިޝަންގައި ހުށަހަޅާ ކޮންމެ ގަނޑެއްގައިވެސް ހުށަހަޅާފަރާތުން ސޮއި ކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ އިސްލާހުގައިވާގޮތުން ޕެޓިޝަން ހުށައަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ޕެޓިޝަންގައި ސޮއި ކުރަންޖެހޭނެއެވެ.



