ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ޓާމިނަލް 1 އިން ބައިނަލްއަގުވާމީ އެއާލައިނަކަށް ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.
އެގޮތުން އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއެވެ.
”މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާ އަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފައި، އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި“ އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސް ވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެއާ އަރަބިއާއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެކެވެ. އެ އެއާލައިނުން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވައެވެ.
އެމްއޭސީއެލުން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެ އެއާލައިނުން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމާފައިވާ ކަަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



