ރާއްޖޭގައި ކެމިކަލްތަކާއި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ މުއައްސަސީ ގާބިލުކަން އިތުރުކޮށް، ކެޕޭސިޓީ ބިލްޑިންގ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކެމިކަލްސް މެނޭޖްމަންޓް ކޮންސަލްޓަންޓް އެސްޕްލޭން ޕްރައިވެޓް ލިމިޓެޑާއެކު ފުރަތަމަ ފަހަރަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުން ބޭއްވުނީ ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައި ކަމަށެވެ.
“މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ޓެކްނިކަލް ގާބިލުކަން ވަރުގަދަކޮށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުން“ އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގެ ދަށުން، ކެމިކަލް މެނޭޖްމަންޓުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އުކުޅުތަކާއި، ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ކެމިކަލްތަކާއި ކުނި ރަނގަޅަށް މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.


