މި ސަރުކާރުގެ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް މިދަނީ ފަހިކޮށްދެއްވަމުން ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 54 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެއްގައެވެ.
އެ ވީޑިއޯ މެސެޖުގައި މިނިސްޓަރު ވަނީ ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވާފައެވެ.
“މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުން“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރ ވަނީ ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ފަންނީ ބޭފުޅުން ބިނާ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.
ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ކަރެކްޝަނަލް ސަރވިސްގެ ތާރީޚުގައިވެސް މިހާތަނަށްވެސް އަދާކުރަމުން އައި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވާން އެދިވަޑައިގެންފައެވެ.
މިނިސްޓަރުގެ ވިޑިއޯ މެސެޖު ނިންމަވާލެއްވީ ކުރިއަށް އޮތް އަހަރަކީ ކަރެކްޝަނަލް ސަރވިސްއަށް މިހާރަށް ވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.



